ޚަބަރު

އާންމު ދަތުރުތަކަށް ސިނަމާލެ ބްރިޖު ހުޅުވާލައިފި

އާންމު ދަތުރުތަކަށް ސިނަމާލެ ބުރިޖު މިއަދު ހުޅުވައިފި އެވެ.

ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެސަރަހައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

މިއަދު ހަވީރު 04:00 ގައި ބުރިޖު އާންމުންނަށް ހުޅުވާލުމަށް އިއުލާނުކުރުމާއެކު ގިނަ އަދަދެެއްގެ ބަޔަކު ބުރިޖު މަތިން ދަތުރުކުރުމަށް ކިއު ހަދާފައި ވެއެވެ. މާލެއިން ހުޅުމާލެއަށް ފެރީގައި 20 މިނެޓުން ދަތުރު ކުރެވޭއިރު ބުރިޖުމަތިން ސައިކަލްގައި 25 ކިލޯމީޓަރުގައި ދުއްވާފައިދާނަމަ 9 މިނެޓުން ދަތުރު ކުރެވެއެވެ.

އާންމުންނަށް ބުރިޖު ހުޅުވާލާފައި ވާއިރު ބުރިޖުގައި ދަތުރުކުރުމުގެ ގަވައިދުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. ބުރިޖުގައި ޖުމްލަ ހަތަރު ލޭނެއް ހަދާފައިވާއިރު އެންމެ ބޭރު ދެ ލޭން ހާއްސަކޮށްފައިވަނީ ޕަބްލިކް ބަސް އަދި ދެ ފުރޮޅުލީ އެއްގަމު އުޅަނދުތަކަށެވެ. ބުރިޖުގެ މެދުގައިވާ ދެ ލޭން ހާއްސަ ކޮށްފައިވަނީ ބަސް ފިޔަވައި ހަތަރުފުރޮޅުލީ އެއްގަމު އުޅަނދުތަކަށެވެ. ބުރިޖުގެ އެންމެ ބޭރު ދެފަރާތުގައި ޗެންޗޭނު ޖަހައިގެން ހަދާފައިވާ ޖާގަ އަކީ ހިނގާ މީހުންނަށް ހާއްސަ ކޮށްފައިވާ ޖާގަ އެކެވެ.

ބުރިޖުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ މަޑުންވެސް އަދި ބާރަށްވެސް ދަތުރުކުރުމަކީ މަނާކަމަކެވެ. އަދި އަމިއްލަ އަށް އިށީދެގެން ނުއިދެވޭ ވަރުގެ ކުޑަކުދިން ސައިކަލްގައި އުފުލުމަކީވެސް މަނާކަމެކެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ބުރިޖުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.