ރާއްޖޭގައި މިހާރު ކޮރަޕްޝަނަކީ ހަމައެކަނި އެކްސެޕްޓެޑް ކަމެއްނޫން ކަމަށާއި ނަމަވެސް އެކްސްޕެކްޓެޑް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮރަޕްޝަން އެންޑް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރަމްގައި ރޭ ވާހަކަދައްކަވަމުން އަސަދު ވަނީ ރާއްޖޭގައި މިހާރު ކޮރަޕްޝަނަކީ ހަމައެކަނި އެކްސެޕްޓެޑް ކަމެއްނޫން ކަމަށާއި ނަމަވެސް އެކްސްޕެކްޓެޑް ކަމެއް ކަމަށް އޭނާ ކައިރީ ވިދާޅުވީ އުމުރުން ދުވަސްވީ މަޖިލީހުގެ ބޭފުޅެއް ކަމަށެވެ.
އަސްއަދު އިތުރަށް ވިދާޅުވިގޮތުގައި ދިވެހިންގެ ތެރޭ ކޮރަޕްޝަން ފެތުރިފައިވާ މިންވަރު އެންމެ ސާފުކޮށް ހާމަވާ އެއްކަމަކީ ކޮންމެ ކަމެއް ކުރުމަށްވެސް އެ ތަނެއްގައި އުޅޭ އާއިލާ މީހެއް ނުވަތަ ރައްޓެއްސެއް މެދުވެރިކޮށް ކަންކުރަން އުޅުމެވެ. މީގެ މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށްފަހު ޖާގަ ނެތުމުން އެޑްމިޓް ކުރެވޭގޮތް ނުވުމުން ހޮސްޕިޓަލުގައި މަސައްކަތް ކުރާ ރައްޓެއްސެއް ނުވަތަ ތިމާގެ މީހެއް މެދުވެރިކޮށް ކަން ނިންމާލުމަކީ މިހާރު ދިވެހީންގެ ތެރޭގައި އާންމު، ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. މިފަދަ އެތައްކަމެއް ދިވެހިންގެ ތެރޭގައި މައްސަލައެއް ހުރިކަމެއް ކަމަށް ބެލުމެއްނެތި ކުރަމުންދާ ކަމަށް އަސްއަދު ވިދާޅުވިއެވެ.
މީގެ އިތުރުން އަސްއަދު ވަނީ ކޮރަޕްޝަން އެންޑް އެސެޓްސް ރިކަވަރީ ކޮމިޝަންގެ މަސައްކަތް މިހާރު ހިނގަމުން އަންނަ ގޮތާމެދުވެސް ވާހަކަދައްކަވައިފަ އެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮމިޝަންގެ މަސައްކަތް ކުރިއަށް ދަނީ އުއްމީދުކުރި ވަރަށްވުރެ ލަސް ސްޕީޑެއްގަ އެވެ. މިކަމުގެ ސަބަބަކަށް އަސްއަދު ފާހަގަ ކުރެއްވީ މަޖިލީހުން ފާސްކުރަން އޮތް ބިލް ފާސްނުކޮށް ޗުއްޓީއަށް ވަޑައިގަތުމެވެ. އެ ބިލު ފާސްވުމުން މަސައްކަތްތައް ހަލުވި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.