އަރައްބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ އެދުމުގެ މަތިން އެ ސުކޫލުގައި ދެން ކިޔަވައިދޭނީ ދެ ޖިންސު ވަކިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އެހެން ވިދާޅުވެފައިވާ އިރު، ދެ ޖިންސުގެ ދަރިވަރުންގެ ކުލާސްތައް އެއްކޮށްގެން ކިޔަވައިދޭތީ އަރަބިއްޔާގެ ބައެއް ބެލެނިވެރީން މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ ދެ ދެ ޖިންސުގެ ދަރިވަރުންގެ ކުލާސްތައް އެއްކޮށްގެން ކިޔަވައިދޭތީ އެކަމުގެ މައްސަލަ އައިސްފައިވަނީ ހަމައެކަނި އަރަބިއްޔާ ސުކޫލުން ކަމަށާއި މިހާރު ދެ ޖިންސުން ވަކިން ކިޔަވައިދޭން އެ ސުކޫލަށް އަންގާފައިވާނެ ކަމަށެވެ.
"ދެ ޖިންސުގެ ކުދިން ތިބެގެން އަޅުގަނޑުމެންނަށް މައްސަލަ އައީ އަރަބިއްޔާ ސްކޫލުން. ޕޭރެންޓުންގެ ކޮންސާން، އަޅުގަނޑުމެންނާ ވަނީ ހިއްސާކޮށްފައި. އަޅުގަނޑުމެން ޕޭރެންޓުން އެދިލެއްވި ގޮތަށް މިހާރު އަންގާފައި އޮންނާނީ ދެ ޖިންސު ވަކިކޮށްލައިގެން ކުރިއަށް ގެންދިއުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ހެނދުނު އަރަބިއްޔާގެ ބައެއް ބެލެނިވެރިން އިހުޖިޖާޖު ކުރުމުން އެ ބެލެނިވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރެއްވުމަށް ފަހު އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.