ޚަބަރު

32 ވަނަ ޅެންވެރިންގެ ދުވަހު ސަމާސާ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ

ރިފާ ހަލީލު

ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ސަމާސާ ޅެން ހެދުމުގެ މުބާރާތެއް ބާއްވަން ދިވެހި ބަހުގެ އެކެޑެމީން ނިންމައިފި އެވެ.

ދިވެހި ބަހުގެ އެކެޑެމީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 32 ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ސަމާސާ ޅެން ހެދުމުގެ މުބާރާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މުބާރާތުގެ މަގުސަދަކީ ސަމަސާ އަދަބުގެ އިހުސާސުގައި ޅެން ހަދަން ޝައުގު އުފެއްދުމާއި، އަދަބިއްޔާތުގެ ފަށުވި ފަންނަށް ހޭލުންތެރި ޖީލެއް އުފެއްދުމަށް ކަމަށް ބަހުގެ އެކެޑެމީން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިއާރަކީ "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" އެވެ.

އިއުލާނުގައި ބުނެފައިވަނީ ޅެންތައް ހަދާއިރު މި ޝިއާރުގެ މައްޗަށް ވިސްނުން އިސްކޮށް، ކޮވިޑް 19ގެ ހިތްދަތި އަސަރުތަކުން އުއްމަތަށް ގެނުވި މާޔޫސްކަމާއި ކަންބޮޑުވުންތަކާއި ނާއުންމީދުތައް، ޅެންވެރީންގެ އުފެއްދުންތަކުން ފިލުވައި އުންމީދުތައް އާކޮށްދޭ ފަދަ އުފާވެރި ޅެންތައް ވުޖޫދަށް ގެނައުމަކީވެސް މުބާރާތުގެ މަގުސަދެއް ކަމަށެވެ.

މުބާރާތުގައި ކަނޑައެޅިފައިވާ ދާއިރާތަކުން ބޭނުން މައިގަނޑު ނަމަކަށް ޅެން ހެދޭނެ އެވެ. އެހެން ނަމަވެސް ޅެން ހެދުމުގައި ޅެމުގެ މައިގަނޑު ނަމާއި ރަހައަށް ބަލަން ވާނެ ކަމަށް އެކެޑެމީން ވަނީ ބުނެފަ އެވެ.

މުބާރާތުގައި ޅެން ހުށަހެޅޭނެ ދާއިރާތައް:

  • ސިއްހަތު
  • ލޯބި
  • މަސައްކަތްތެރިކަން
  • އިޖުތިމާއީ ގުޅުން
  • ގައިދުރުކަން
  • މީސްމީޑިއާ
  • ތިމާވެށި
  • ފުރަބަންދު
  • އައު އާންމު ހާލަތު

މީގެ އިތުރަށް އެކެޑެމީން ބުނީ ހުށަހަޅާ ޅެމުގެ ދިގުމިނުގައި އަށް ބައިތާއި 10 ބައިތު ހުންނަންވާނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހަމަތަކަކުގެ މަތިން ހަދާ ޅެންތައް އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެ އެކެޑެމީއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.