މާފުށީ ޖަލަށް އާއިލީ ބައްދަލުވުމަށް ދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. މަފުށީގެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.
އިއްޔެ ހެނދުނު 10:30ހާއިރު މާފުށީ ޕޮލިސް ސްޓޭޝަނަށް މާފުށީ ޖަލަށް އާއިލީ ބައްދަލުވުމަށް ދިޔަ މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް މާފުށީ ޖަލުން މައުލޫމާތު ދިނުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މީހާގެ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިން ކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައެވެ.
މި މީހާގެ ބަންދަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި 13 ދުވަހު ބަންދުގައި ބެހެއްޓުމަށް ވަނީ މުއްދަތު ޖަހައިފައެވެ.
މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.