ޚަބަރު

ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރަން އާތިފް ނިންމައިފި

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވަން ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް ނިންމަވައިފިއެވެ.

މިހާރުވެސް ހދ. އަތޮޅު ކައުންސިލްގެ މެމްބަރުކަން ކުރައްވާ އާތިފް މިރޭ "ވަން"އަށް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމީ މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތްކުރެވޭނީ އެފަދަ މަގާމެއްގައި ހުރެގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި މިއަށްވުރެ މަތީ ހަރުފަތަކަށް އަޅުގަނޑު ދާންއެބަޖެހޭ. އެކަން ކުރެވެން އޮތީ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އާތިފް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމީ މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތްކުރެވޭނީ އެފަދަ މަގާމެއްގައި ހުރެގެން ކަމަށް ގަބޫލުކުރެވޭތީ،
ހދ. އަތޮޅު ކައުންސިލްގެ މެމްބަރު އަހްމަދު އާތިފް

ވިދިވިގެން ދެ ފަހަރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ އަތޮޅު ކައުންސިލަށް އިންތިޚާބު ވެވަޑައިގެންފައިވާ އާތިފް ވިދާޅުވީ އެރަށު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
އާތިފަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވާ ހަމައެކަނި ބޭފުޅާއެވެ.

ކުޅުދުއްފުށީ ޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ އާތިފަކީ ފެށުނީއްސުރެ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ދެމި ހުންނެވި ބޭފުޅެކެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ކުރިމަތިލައްވައި ޕީޕީއެމްގެ ކެންޑިޑޭޓާ ވާދަކޮށް، އާތިފް ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯއްދަވައިފައެވެ. އެ އިންތިހާބުގައި އާތިފް ވަނީ 60 އިންސައްތައާ ގާތްކުރާ އަދަދަކަށް ވޯޓު ހޯއްދަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެ، އާތިފް ވަނީ މިއަދު ޓުވީޓެއް ވެސް ކުރައްވައިފައެވެ. އެ ޓުވީޓުގައި އާތިފް ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ތާއީދުކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާ އުފެދުނު ފަހުން މިހާތަނަށް އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރައްވަމުން ގެންދެވީ ގާނޫނީ ވަކީލު މުހައްމަދު ނަޝީދެވެ.