ގެނބިގެން ހާލު ދެރަވި ކުއްޖަކަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ގއ. މަނާގަލާ ކައިރިއަށް މޫދަށް އެރި އުޅުނު 13 އަހަރުގެ ކުއްޖަކު ހާލު ދެރަވެ އެމްއެންޑީއެފްގެ ސަދާން އޭރިއާ ކޯސްޓްގާޑް ސްކޮށުގެ އެހީތެރިކަމާއެކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 1:53 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ކުއްޖާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނީ ނޭވާލާން އުނދަގޫވާތީ އެވެ. އެ ކުއްޖާ ގެނބެމުންދަނިކޮށް ސަލާމަތް ކުރީ އާއިލާ މީހެކެވެ. އެނގިފައިވާ ގޮތުގައި ގެނބިފައިވަނީ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޝަރީފް ވިދާޅުވީ، ގެނބިގެން ފަރުވާދެމުން އަންނަ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.