"އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުފައްދަވައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިންތިގާލީ އިންސާފުގެ ބިލު ރައީސް މިއަދު ވަނީ ތަސްދީގުކުރައްވައިފައެވެ.
މި ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ ދަށުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދިގެންދާނެއެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.
ބިލުގައިވާ ގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި އެ އޮފީހުން މައްސަލަތައް ބަލައި ނިންމަން ޖެހެއެވެ. މި އޮފީހަކީ ތިން އޮންބަޑްސްޕާސަންގެ މައްޗަށް އެކުލެވޭ އޮފީހެކެވެ. އޮންބަޑްސްޕާސަން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު މި ބިލުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މި ބިލުގައި، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ނަގައިދޭނެ ގޮތްތަކާއި، އޮންބަޑްސްޕާސަންގެ އޮފީހުން ބޭރުން މައްސަލަ ހައްލުކުރާނެ ގޮތްތައްވެސް ހިމަނާފައި ވެއެވެ. އަދި އަނިޔާ ލިބުނު ފަރާތާއި އަނިޔާވެރިވި ފަރާތް ސުލްހަވެރި ކުރުމަށްވެސް ބިލުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދުގައި ހިނގާފައިވާ ކަންތައްތައް ބެލުމަށް އަމާޒުކޮށްގެންނެވެ.
އޭރު ބިލު އެންމެ ބޮޑަށް އަމާޒު ކޮށްފައި އޮތީ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ކަނޑައަޅައި އެކަމުގައި އިންސާފު ހޯދައިދޭ ފަދަ ގޮތަކަށެވެ.
ނަމަވެސް މި ބިލު މަޖިލީހަށް ބަލައިގަނެ، ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ އިރު، އާއްމު ފަރާތްތަކުން ހުށަހެޅި ހިޔާލުތަކާއި ކޮމެންޓްތަކަށް ބަލައި، ކުރީގައި އޮތް ތާރީހު ބަދަލުކޮށް، ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން މައްސަލަތައް ބަލާގޮތަށް ބިލުގެ ތާރީހު ބަދަލުކުރީއެވެ.