ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާގެ ސަފީރާ، އިބޫ ބައްދަލުކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު އިންތިހާބީ ރައީސް އިބޫއާއި އިންޑިއާގެ ސަފީރު ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ސަފީރާއި އިބޫއާ ބައްދަލުކުރެއްވި އިރު، އިބޫ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަނީ ދައުވަތު އަރުވައިފައެވެ. މޯދީ ވަނީ އިބޫ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ފޯނުން ގުޅުއްވައި އިބޫއަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ވިދާޅުވެ މޯދީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި މޯދީ ވަނީ އިންޑިއާއާއި ރާއްޖޭގެ ގުޅުން އަލުން ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އިބޫއަށް ދަންނަވައިފައެވެ.