ދީނީ އިލެމުވެރިޔާ ޝެއިޚް އަލީ ޒައިދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ޝެއިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގަކަށް ފުލުހަށް ހާޒިރުވުމަށް އެފަރާތުން އެދިފައިވާ ކަމަށެވެ.
ޒައިދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ފޭސްބުކް އަދި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުންނަށް އިންޒާރުދޭ މައްސަލަތައް ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ޒައިދު ވިދާޅުވީ ތަހުގީގަށް ހާޒިރުކުރުވަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އިސްލާމް ދީނުގެ ހުކުމްތަކާމެދު ނަފްރަތު އުފެދޭ ސީޣާއަކުން ބަސް ބުނާ މީހުން ތިއްބައި އެހެން މީހުން ފުލުހަށް ހާޒިރުކުރުމަކީ އަދުލުވެރިކަމުގެ ފުރިހަމަކަމާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ ދެއްކެވި ހުރިހާ ވާހަކައެއް އެހުރީ ޓްވީޓާގައި ކަމަށެވެ.
"މީސްމީހުން އަޅުގަނޑޭ ކިޔައިގެން ރޯ ބުހުތާން ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު ޕޮލިސް އެކަމަށް ފިޔަވަޅު ނާޅުއްވައި ހާޒިރު މިކުރަނީ. އަދުލުވެރިވެލައްވާ!،" ޒައިދު ވިދާޅުވިއެވެ.
ފުލުހުން މީގެކުރީން ބުނީ ފަހަކަށް އައިސް ސޯޝަލް މީޑިޔާގައި ނަފްރަތު އުފައްދާގޮތަށް ވާހަކަ ދެއްކުމާއި އިންޒާރުދިނުން ފަދަ ކަންކަން ގިނަވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފުލުހުން މިކަންކަން ތަހުގީގު ކުރާ ކަމަށާއި، ތަހުގީގުތައް ކުރިއަށް ގެންދާއިރު މިފަދަ ކަންކަން އިތުރަށް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ ޒައިދު ފުލުހަށް ހާޒިރުކުރަނީ ކީއްވެތޯ ބައްލަވާނެ ކަމަށެވެ. ފަހުން ގުޅުމުން އޭނާ ވަނީ ފޯނު ބިޒީކޮށްލައްވައިފަ އެވެ.