އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިކުރުމަށް އިންތިހާބީ ރައީސް އިބޫ އެދިލައްވާ ކަމަށެވެ.
"އަޅުގަނޑުމެން ކެމްޕޭން ކުރި އިރުގައި ވެސް އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާވެސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުން. އެހެންކަމަށްވާއިރު ރައްޔިތުން އިންތިހާބު ކުރި ރައީސެއް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވޭނެ ގޮތަށް އެކަން ކުރުމަކީ ހަމަ ގައިމުވެސް އަޅުގަނޑުމެން އެންމެންގެ ވެސް ވަރަށް ބޮޑު އެދުމެއް. ވީމާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް އެދިވަޑައިގަންނަވާތީ އެކަން އެގޮތަށް ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ކޮމިޓީން އެ މަސައްކަތް ކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އިއުލާންކުރި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ރަސްމީ ނަތީޖާ އާއި ދާއިމީ ނަތީޖާގެ މާބޮޑު ފަރަގެއް ނެތެވެ.