ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފި އެވެ.
ދުންޔާ އާއި ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
އެ ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ ރައްޔިތުންގެ އަޑުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރޯލުގެ މުހިއްމު ކަމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ޓްވީޓުގައި ދުންޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކުރެވެން ވާނީ ފުރިހަމަޔަށް ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ދުންޔާގެ ޓުވީޓުގައި ވަނީ ވިދާޅުވެފަ އެވެ.
ދުންޔާ މައުމޫނު ގާސިމް އިބްރާހީމާ މިއަދު ބައްދަލުކުރެއްވި އިރު، ކުރީގެ ސަރުކާރުގައި ތަކުގައި އޭނާ ވަނީ މުހިންމު މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އަދި އޭގެ ކުރީން އޭނާ ވަނީ ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީހުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
އެހެން ނަމަވެސް، ރައީސް މައުމޫނުވެސް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްވެސް މަގާމަކުން އަދި މިހާތަނަށް އައި އިރު ދުންޔާއެއް ނުފެނެ އެވެ.