ސަރުކާރުން ބޭނުންވާ ޖަޒީރާ ސްކޫލުގެ ނިޒާމަށް މުޅީން ބަދަލުކުރުމަށްޓަކައި ތައުލީމީ ދާއިރާގައި ބިދޭސީން މަދުކޮށް ދިވެހީން އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހުރަވީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ އަދަދު މަދުކޮށް ދިވެހި ޓީޗަރުން ނެރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރު ސްކޫލުތަކުގައި މިދިޔަ އަހަރު ކިޔަވައިދިން ދިވެހި ޓީޗަރުންގެ އަދަދު އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ދެ ޕަސެންޓު ވަނީ އިތުރުވެފައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ދީގެން އުފެއްދުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ.
"އެކަން ހާސިލު ކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ ވެސް ސައްހަ އިސްލާމީ އަގީދާގެ ތެރެއިން ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.