އަލީ ޔާމިން
މާލެ ސަރަހައްދުގައި 2،500 ޓޫރިސްޓު އެނދު އެބަހުރި ކަމަށާއި މިމަސް ނިމޭއިރު 90 އިންސައްތަ އޮޕަރޭޝަނަށް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އޮފިސަރު އަލީ ރައްޒާން ވިދާޅުވީ، ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު މިނިސްޓްރީން މަސައްކަތް ކުރަމުން އައީ އަލުން ފަތުރުވެރިކަން ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ. އެގޮތުން ޖުލައި 15ގައި ރިސޯޓުތަކާއި ސަފާރީތަކަށް އަމާޒުކޮށްގެން ބޯޑަރު ހުޅުވާލައި އޭގެ ފަހުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ރައްޒާން ވިދާޅުވީ، މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް މަދުވުމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މަޝްވަރާއާއެކު މާލޭ ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވުމުގެ ހުއްދަ މާދަމާއިން ފެށިގެން ދޭނެ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ޖުމްލަ 2،500 އެނދު ހުރި އިރު މިމަހުގެ ނިޔަލަށް 90 އިންސައްތަ އެނދު އޮޕަރޭޝަނަށް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުޅުމާލޭގައި އެބަ އުޅޭ ގާތްގަނޑަކަށް 1،400 އެއްހާ އެނދު. މާލޭގައި 1،000 އެއްހާ އެނދު އަދި ވިލިމާލޭގައި 100 އެއްހާ އެނދު. ޖުމްލަ މި ސަރަހައްދުގައި 2،500 އެއްހާ އެނދު އެބައުޅޭ. ދެން އަޅުގަނޑުމެން މި ބަލަނީ ޑިސެމްބަރު ނިމޭއިރު މި ސަރަހައްދުގައި މިހުރި އެނދުތަކުގެ 90 އިންސައްތަ އޮޕަރޭޝަނަށް އަންނާނެ ކަމަށް،" ރައްޒާން ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޒާން ވިދާޅުވީ، މާލޭ ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވުމުގެ ހުއްދަ މާދަމާ ދޭއިރު، މިހާރުވެސް ބައެއް ގެސްޓްހައުސްތަކުގެ އެސްއޯޕީތައް ލިބެމުން އަންނަ ކަމަށާއި މާދަމާ އެކަނިވެސް މާލޭ ސަރަހައްދުގެ ދިހަ ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދެވިގެންދާނެ ކަމަށެވެ.
"މާދަމާއިން ފެށިގެން ހުއްދަ ދެވެމުންދާ ވަރަކަށް މާލޭ ސަރަހައްދުގެ ގެސްޓްހުސްތައްވެސް ހޮޓާތައްވެސް ނޯމަލް އޮޕަރޭޝަނަށް އަންނާނެ،" ރައްޒާން ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މާދަމާއިން ފެށިގެން ދޭއިރު، ގެސްޓްހައުސްތައް ހުޅުވުމުގަައި އަމަލުކުރަން ޖެހޭނެ އުސޫލު މިއަދު ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގައި 50،000 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުރި އިރު އޭގެ ތެރެއިން 10،000 އަށްވުރެ ގިނަ އެނދަކީ ގެސްޓްހައުސްތަކުގައި ހުރި އެނދެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 37،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.
ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅިވާލި ފަހުން މިހާތަނަށް ރާއްޖެއަށް 100،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމެވެ. ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހު އެ އަމާޒަށް ވާސިލުވެވޭނެއެވެ.