އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ބޮޑެތި މީހުންގެ ނުރަސްމީ ތައުލީމު ކައުންސިލްތަކުގެ ދަށަށް ބަދަލުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ބޮޑެތި މީހުންގެ ނުރަސްމީ ތައުލީމު ރަށު ކައުންސިލުތަކުގެ ދަށަށް ބަދަލުކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިއަދު ދެއްވި ޚިތޯބުގައެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީގެ ޚިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒީ ކުރުމުގެ ތެރޭގައި ބޮޑެތި މީހުންގެ ނުރަސްމީ ތައުލީމު ރަށު ކައުންސިލުތަކަށް ބަދަލުކުރުން ހިމެއެވެ.

އަދި އޭގެ ސަބަބުން އެކަމަށް ދެވޭ ސަމާލުކަން އިތުރުވެ ރައްޔިތުން ބޭނުންވާ ހުނަރުތައް ގާތުން ފޯރުކޮށްދިނުމަށް މަގު ފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

''ލާމަރުކަޒީ ކުރުމަކީ ކަންކަން ނިންމުމުގެ ބާރާއި ޒިންމާތަކާއި މަސައްކަތްތައް ތަނެއްގެ މަތީ ލެވެލްތަކުން ތިރީ ލެވެލްތަކަށް ބަދަލުކުރުން. ބާރުތައް އެކެއްގެ އަތްމައްޗަށް ނުދީ ފަތުރައިލުމުން ސްކޫލްތަކަށް ކަންކަން ނިންމުމަށް އިތުރު ބާރުތައް ލިބިގެންދާނެ. ތަންފީޒީ ފެންވަރުގައި ތިބޭ މީހުން ކަންކަން ނިންމުމަށް ބާރުވެރިކުރުމުން މައްސަލަތައް އަވަހަށް ހައްލުކުރެވޭނެ.'' މިނިސްޓަރު ވިދާޅުވިއެވެ.

ބޮޑެތި މީހުންގެ ނުރަސްމީ ތައުލީމު ކައުންސިލުތަކަށް ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުރިއަށް ގެންދާ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ވަކި ޑިވިޜަނެއް އުފައްދަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.