ޝަހީދާ އަބްދުﷲ ސައީދު
އިންކުލޫސިވް އެޑިއުކޭޝަން ނުވަތަ ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު މިހާރަށްވުރެ ފުރިހަމައަށް ހިންގުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ވަކި ހާއްސަ ޑިވިޝަނެއް އުފައްދަން ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިއަދު ދެއްވި ޚިތޯބުގައެވެ.
މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްކެވި ވާހަކަފުޅުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުރިއަށް ގެންދާ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ވަކި ޑިވިޝަނެއް އުފައްދަވައި އެނިޒާމު އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.
''ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ހުރިހާ ކުދިންނަކީ ހަމަހަމަ ކުދިންނެއް ނޫން. ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، ކޮންމެ ކުއްޖަކަށް ބޭނުންވާ އަޅާލުންތެރިކަން ދީގެން، ހުރިހާ ކުދިން ހިމެނޭގޮތުން ދެވޭ ތައުލީމަށް މިހާރަކަށް އައިސް ކިޔަނީ އިންކްލޫސިވް އެޑިޔުކޭޝަން. މި ނިޒާމް މިހާރަށް ވުރެ ފުރިހަމަ ކުރުމަށްޓަކައި ވަކި ޑިވިޝަނެއް މި ވުޒާރާގައި އުފައްދާނަން.'' މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރާއެކު މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއް ގޮތަށް، ތައުލީމީ ހިންގުން ލާމަރުކަޒީ ކުރެވޭނެ ކަމަށެވެ.
އެގޮތުން، ކަންކަން ނިންމުމުގެ ބާރާއި ޒިންމާތައް އެ ތަނެއްގެ މަތީ ލެވެލްތަކުން ތިރީ ލެވެލްތަކަށް ބަދަލުކޮށް ފަތުރާލުމުން ސްކޫލްތަކަށް ކަންކަން ނިންމުމަށް އިތުރު ބާރުތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެ ކަމާ ގުޅޭ ސީދާ މީހުންނާ ހިސާބަށް ބާރުތައް ފޯރާނެކަމަށް ވެސް ވިދާޅުވިއެވެ.