ޚަބަރު

ތަރައްގީއަށް ޓަކައި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ މީހުން ބިނާކުރުން : ރައީސް

އަހުމަދު ޖައިޝަން

ދިވެހި ރާއްޖޭގެ ތަރައްގީއަށް ޓަކައި މިހާރު ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ މީހުން ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުރަވީ ސްކޫޫލު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީހުން ބިނާކުރުމާއެކު އިންސާނީ ވަސީލަތްތައް ތަރައްގީކޮށް އިތުރުކުރުން މުހިއްމު ކަމަށެވެ.

"މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރާނެ އެންމެ މުހިއްމު އެންމެ ބޮޑު މަސައްކަތަކީވެސް މިއީ،" ތައުލީމާއި މީހުން ބިނާކުރުމަށް އިޝާރާތްކުރައްވައި ރައީސް ސޯލިހު ވިދާޅުވިއެވެ.

އެގޮތުން ތައުލީމީ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތަށް އަލިއަޅުވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ތައުލީމަށް ބޮޑު އިސްކަމެއް ދެއްވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ތައުލީމީ ސިޔާސަތުތައް މުރާޖައާކޮށް ދަރިވަރުންނަށް ހުޅުވައިދެވެން ހުރި ދޮރުތައް ސަރުކާރުން އަންނަނީ ހުޅުވައިދެމުން ކަމަށެވެ.

"ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްފަހު މަތީ ތައުލީމުގެ ސިޔާސަތު ސަރުކާރުން އެކުލަވައިލިން. އެއީ ރާއްޖޭގައި ބެޗްލާސް ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން. އަދި މަތީ ތައުލީމުގެ ލޯނު އިންޓްރެސްޓް ތިން ޕަސެންޓަށް މިހާރު ވަނީ ކުޑަކޮށްފައި،" ރައީސް ފާހަގަކުރެއްވިއެވެ.