ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ސްކޫލު، ރައީސް ސޯލިހު ހުޅުވައިދެއްވައިފި

އަހުމަދު ޖައިޝަން

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރި އެންމެ ބޮޑު ސްކޫލު ކަމަށްވާ "ހުރަވީ ސްކޫލު" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

މިއަދު ހުޅުވައިދެއްވި އެ ސްކޫލަކީ ހުޅުމާލޭގެ އުތުރުކޮޅުގައި ހުންނަ ސްކޫލެކެވެ.

ޖުމްލަ 1،450 ދަރިވަރުންނަށް އެއް ފަހަރާ ކިޔަވައިދެވޭ ވަރުގެ ޖާގައެއް އޮތް އެ ސްކޫލުގައި 54 ކްލާސްރޫމް ހުންނާނެއެވެ.

ގިނަ ވަސީލަތްތައް ފުރިހަމަކޮށްފައިވާ އެ ސްކޫލުގައި ދެ ކްލާސްރޫމެއް ހާއްސަ ކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށެވެ.

ހަތް ބުރީގެ ތިން ބްލޮކް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ހުރަވީ ސްކޫލުގައި ބޮޑު ލައިބްރަރީއަކާއި ދެ ސައިންސް ލެބޯޓަރީ ހިމެނެއެވެ.

ހުރަވީ ސްކޫލުގައި މިއަދު ކިޔެވުން ފަށާއިރު އެ ސްކޫލުގައި 780 ދަރިވަރުން ކިޔަވާނެއެވެ. އަދި ގްރޭޑް ނުވައަކާ ހަމައަށް އެ ސްކޫލުގައި ކިޔަވައިދޭއިރު އަންނަ އަހަރު ގްރޭޑް 10 އާއި 11 އަދި 12 އަށް ކިޔަވައިދިނުމަށް ފަށާނެއެވެ.