ޝަހީދާ އަބްދުﷲ ސައީދު
ތައުލީމީ ދާއިރާއަށް ކުރީގެ ސަރުކާރުތަކުން ނުކުރާވަރުގެ ހޭދައެއް މިސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލު ނަސީމު ވިދާޅުވެއްޖެެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިއަދު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދެއްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ނޫނީ ގައުމުގައި އަމާންކަން ދެމިގެން ނުދާނެ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ދަރިވަރުންނަށް އަޅައިލައި ދަރިވަރުންގެ ތައުލީމު ކުރިއަށް ގެންދިޔުމަށް ޓަކައި ރާއްޖޭގެ ދަރިވަރުންނަކީ ގައުމަށް ވަފާތެރި ހިދުމަތްކުރެވޭ ފަދަ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން ކަމަށެވެ.
އަދި ދަރިވަރުން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ތައުލީމު އުނގެނުން ކަމަށާއި އިލްމު އުނގެނުމަށް ޓަކައި މެދުކެނޑުމެއް ނެތި މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މުދައްރިސުންނާއި މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުގުވެރިން ބެހެއްޓުމުގެ އިތުރުން ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.