ދ. މީދޫ ޔަންގް ސްޓާ ސްޕޯޓްސްގެ 16 އަހަރުން ދަށު މުބާރާތުގެ ޗެމްޕިއަންކަން ބްލޫ ލަޔަންސް އެފްސީ ހޯދައިފިއެވެ.
ފައިނަލުގައި ޕެލެންޓިނިއަންސް އެފްސީއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗު ބްލޫ ލަޔަންސްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ބްލޫ ލަޔަންސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލި ނުވެއެވެ. ޖުމްލަ ތިން ޓީމު ކުޅުނު މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބްލޫ ލަޔަންސް އެފްސީގެ ޖާޒީ ނަންބަރު 11 އާލާފް އަހުމަދެވެ.
މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގައި ޔަންގް ސްޓާގެ ފަރާތުން ދެއްކި އެންމެ ތަފާތު ކަމަކީ ފައިނަލް މެޗާއި ހުޅުވި މެޗުގެވެސް ޝަރަފުވެރި މެހެމާނެވެ. މުބާރާތުގެ ޝަރަފުވެރި މެހެމާނަކީ، ލޮލުގެ ފެނުމަށް ބޮޑެތި އަސަރުތަކެއްކޮށް، ހާއްސަ އެހީއަށް ބޭނުންވެފައިވާ އިސްމާއީލް އިބްރާހީމެވެ. ފައިނަލް މެޗުގައި ޗެމްޕިއަން ޓީމުގެ ތަށި ހަވާލުކުރީވެސް އިސްމާއީލް އިބާރާހީމެވެ.
މިއަހަރުގެ މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، މީދޫ ޔަންގް ސްޓާ ސްޕޯޓްސްގެ ރައީސް އިބްރާހީމް އަފްރާހް ކުރިން ވިދާޅުވެފައިވަނީ މުބާރާތުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ކުދިންތަކެއް ފުޓުބޯޅައިގެ މައިދާނަށް ނެރުމުގެ އިތުރުން ކުޑަކުދިންނަށް ފުޓުބޯޅައާއި ކުޅިވަރުގެ ތެރެއިން ރަނގަޅު އަހުލާގެއް ދަސްކޮށްދިނުން ކަމަށެވެ. އަދި ކްލަބުގެ އުންމީދަކީ މެދުކެނޑުމެއް ނެތި މުބާރާތް ކުރިއަށް ގެންދިއުން ކަމަށްވެސް އަފްރާހް ވަނީ ފާހަގަކުރައްވައިފައެވެ.