އަރަބިއްޔާ ސްކޫލް

ދެޖިންސު އެއްކޮށްގެން ކިޔަވައިދޭތީ އަރަބިއްޔާގެ ބެލެނިވެރީން އިހުތިޖާޖުކޮށްފި

4

ދެޖިންސުގެ ދަރިވަރުންގެ ކުލާސްތައް އެއްކޮށްގެން ކިޔަވައިދޭތީ އަރަބިއްޔާގެ ބައެއް ބެލެނިވެރީން މިއަދު އިހުތިޖާޖުކޮށްފި އެވެ.

އަރަބިއްޔާގެ ބެލެނިވެރީން ސްކޫލު ކައިރީގައި އިހުތިޖާޖުކުރީ "ދެޖިންސު އެއްކޮށްގެން ކިޔަވައިދިނުމާ ދެކޮޅު" ބޯޑުތަކެއް ވެސް ހިފައިގެން ތިބެ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދިން ބެލެނިވެރިޔަކު ބުނީ އަރަބިއްޔާ އަށް ބެލެނިވެރީން ދަރިވަރުން ފޮނުވާ އެންމެ މުހިންމު އެއް ސަބަބަކީ ވެސް ދެޖިންސު ވަކީން ކިޔަވައިދިނުން ކަމަށެވެ. އަދި މިދިޔަ އަހަރު ތަކުގައި ވެސް އެ ސްކޫލަކީ ދެޖިންސުގެ ދަރިވަރުންނަށް، ވަކީން ޚާއްސަކޮށް ސެކަންޑްރީ ސްކޫލުގެ ދަރިވަރުންނަށް ދެޖިންސު ވަކީން ކުލާސްތައް އިންތިޒާމުކޮށްފައި ހުންނަ ސްކޫލެއް ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ އަހަރުވެސް ޕަރިމަރީގެ ދެތިން ގްރޭޑެއްގެ އޮތީ އެއްކޮށްފަ. ދެން ގްރޭޑް 11 އަދި 12 މި އޮންނަނީ އެއްކޮށް. އެއީ އެ ކުލާސްތަކުގަ ތިބޭ ދަރިވަރުންވެސް މަދުވީމަ. އެކަމަކު ދެން ހަމަ މައިގަނޑު ގޮތެއްގަ ހުރިހާ ކުލާހެއްގައި ވެސް ކިޔަވައި ދެމުން އައީ ދެޖިންސު ވަކީން. އެހެން އޮއްވާ މިފަހަރު މި ހެދި ގޮތަކީ އެންމެ ދެ ކުލާހެއް ފިޔަވައި ގްރޭޑް އެކަކާއި 10އާ ދެމެދު ހުރިހާ ކުލާހެއް އެއްކޮށްލީ." ސްކޫލު ދޮށުގައި މިއަދު ތިބި ބެލެނިވެރީންގެ ތެރެއިން އެކަކު ބުންޏެވެ.

އޭނާ ބުނީ އެކަން ސްކޫލު ޗުއްޓީ ތެރޭގައި އެނގުމުން ސްކޫލުގެ ޕްރިންސިޕަލާ ބައްދަލުކުރި ކަމަށާއި އެހިސާބުން އެދެވޭ ޖަވާބެއް ނުލިބުމުން އެޑިޔުކޭޝަން މިނިސްޓަރާ ވެސް ބައްދަލުކުރި ކަމަށެވެ. އަދި އެކަމަށް އެދެވޭ ހައްލެއް ގެނެސްދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓަރު ދެއްވި ކަމަށް ވެސް ވަން އޮންލައިންއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އަރަބިއްޔާ ސްކޫލު ދޮށުގައި ބެލެނިވެރީން އިހުތިޖާޖު ކުރި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވެސް ވަޑައިގެންނެވި އެވެ.

ނައިބު ރައީސް އަދި އެޑިޔުކޭޝަން މިނިސްޓަރު ވަނީ ބެލެނިވެރީންނާ ވާހަކަފުޅު ދައްކަވައި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށް އެ ސަރަހައްދުގައި ހުރި ވަންގެ ނޫސްވެރިޔާ މައުލޫމާތު ދިނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟