ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުޅުއްވަނީ މިރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓުވީޓެއްގައި ސުއޫދު ވިދާޅުވީ ޔާމީން ބޭނުންވިޔަސް މިރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރެވޭނެ ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރު ބަދަލުކުރިޔަސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހައްޔަރެއް ވެސް ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ހަޖަމް ކުރުމަށް ވެސް ސުއޫދު ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.
ރައީސް ޔާމީން ވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އާ ވެސް ދާދިފަހުން ބައްދަލު ކުރައްވާފައެވެ. އަދި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވަނީ އިންތިޚާބުން އެމަނިކުފާނު ބަލިވެއްޖެ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.
ރައީސް ޔާމީން ބަލި ގަބޫލުކުރެއްވިޔަސް ޕީޕީއެމް އިން އަންނަނީ އިންތިޚާބުގެ ނަތީޖާގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހެެއްގެ އޯޑިއޯއެއްވެސް ލީކްވެފައެވެ.
ފުލުސް އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު ވަކިކުރައްވައި، އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި ހަމްދޫން ރަޝީދަށް ޕޮލިސް ކޮމިޝަނަރުކަން ރައީސް ޔާމީން މިއަދު ދެއްވުމުން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ދަނީ އެއުޅެނީ ބޮޑު ކަންތައްގަނޑެއް ހިންގަން ކަމަށެވެ.