ޚަބަރު

އިސްލާމީ ޝަރީއަތަށް އިންކާރުކުރާ މީހަކު މަޖިލީހަށް ގެންނަން ވޯޓުދިނުން ހުއްދައެއް ނޫން: ޝެއިޚް ސަމީރު

އިސްލާމީ ޝަރީއަތުގެ ހުކުމަކަށް އިންކާރުކުރާ މީހަކަށް ވޯޓުދިނުން ހުއްދަވެން ނުވާކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ޝެއިޚް އަހުމަދު ސަމީރު މިހެން ވިދާޅުވެފައި ވަނީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

ޝެއިޚް ސަމީރުގެ ޓުވީޓުގައި ވިދާޅުވީ އިސްލާމީ ޝަރީއާގެ އަސްލަކުން ސާބިތުވާ އެއްވެސް ހުކުމަކަށް އިންކާރުކުރާކަން ފާޅުވެފައިވާ މީހަކު އިސްލާމީ ގައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕޭން ކުރުމާއި ވޯޓުދިނުން ވެސް ހުއްދަ ވެގެން ނުވާ ކަމަށެވެ.

ޝެއިޚް ސަމީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ގާނޫނު އަސާސީ ބުނާ ގޮތުން ވެސް އެފަދަ މީހަކު ރައްޔިތުންގެ މަޖިލީހަށް ޝަރުތު ހަމަވެގެން ނުވެ އެވެ.

ޝެއިޚް ސަމީރު މި މޭރުމުން ޓުވީޓެއް ކުރައްވައި މި ވަނީ، އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމައިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ފެށިގެން ކުރިޔަށްދާ ދަނޑިވަޅެއްގަ އެވެ. ޝެއިޚް ގެ ޓުވީޓުގައި ވަކި ބޭފުޅެއްގެ ނަން ގެނެސްފައެއް ނުވެއެވެ.