ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި އިސްތާންބޫލް ބަސަކްސެހީރް، އަންގާރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ރެފްރީގެ ފަރާތުން ނަސްލީގޮތުން ދިމާކުރި ކަމަށް ބުނާ މައްސަލަ ޔޫއެފާއިން ރަސްމީކޮށް ބަލަން ފަށައިފިއެވެ.
ޕީއެސްޖީއާއި ބެސަކްސެހީރް ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި މެޗުގެ ބަދަލު ރެފްރީ، ބަސަކްޝެހީރާގެ އެސިސްޓެންޓް ކޯޗު ޕިއޭ ވެބޯއަށް އަމާޒުކޮށް، ނަސްލީ ތަފާތުކުރުމުގެ ބަހެއް ބޭނުންކުރި ކަމަށް ކުޅުންތެރިންވެސް ވަނީ ބުނެފައެވެ. ބަދަލު ރެފްރީއާއި ވެބޯއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ވެބޯއަށް ވަނީ މެޗުގައި ރަތް ކާޑުވެސް ދައްކައިފައެވެ. އެ ކަންތައްތަކުގެ ތެރެއިން، ދެޓީމުގެ ކުޅުންތެރިންވެސް ވަނީ މެޗު ދޫކޮށް ފައިބައިފައެވެ.
އެ މެޗުގެ ފަހު ބައި ރޭ ކުޅެފައިވާ އިރު، މެޗު 5-1 އިން ކާމިޔާބު ކުރީ ޕީއެސްޖީއެވެ. ރޭގެ މެޗު ކުޅެފައިވަނީ އާ ރެފްރީންގެ ޓީމަކާއެކުގައެވެ.
ޔޫއެފާއިން ބުނެފައިވަނީ ބަދަލު ރެފްރީކަން ކުރަން ހުރި ރޮމޭނީއާގެ ސެބަސްޓިއަން ކަލްޓެސްކޫ ބުނި ބަހެއްގެ މައްސަލަ ބަސަކްސެހީރުން ހުށަހަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ޑިސިޕްލިނަރީ އިންވެސްޓިގޭޝަނެއް ކުރިއަށްދާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާތީ، މެޗުގައި ވެބޯއަށް ދެއްކި ރަތް ކާޑު، ރޭގެ މެޗަށް ހުއްޓުވާފައިވާ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.
ވެބޯއަށް ނަސްލީގޮތުން ދިމާކުރި ރެފްރީގެ މައްސަލަ ކުރިއަށްދާއިރު، ރެފްރީ ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކައިފައެވެ. ރެފްރީ ބުނެފައި ވަނީ އޭނާއަކީ ރޮމޭނިއާގެ މީހެއް ކަމަށާއި ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށް، ވަކި މީހެއް އަންގައިދިނުމަށް އޭނާ ބޭނުންކުރި "ކަޅު" އެ ލަފްޒަކީ ރޮމޭނިއާގެ ބަހުރަވައިން ނަސްލީ ގޮތުން ދިމާކުރުމަށް ބޭނުންކުރާ ލަފްޒެއް ނޫން ކަމަށެވެ.
ރެފްރީގެ ފަރާތުން އަޑުއިވުނު ބަހެއްގެ ސަބަބުން ދެޓީމުގެ ކުޅުންތެރިން އެކުވެ، މެޗު ހުއްޓާލައި ދަނޑުން ފައިބާފައިވާ އިރު، ކުރިން ޝެފީލްޑް ޔުނައިޓެޑްގެ އިތުރުން ކޮވެންޓްރީއަށް ކުޅެފައިވާ ވެބޯގެ ދެބެންގެދެދަރި ކޮއްކޮ ޕެޓްރިކް ސޫފޯ ބުނެފައިވަނީ ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ދެއްކި މިސާލަށް ފަހުރުވެރިވާ ކަމަށެވެ.
އޭގެ އިތުރުން ސޫފޯ ބުނެފައިވަނީ މެޗުގައި ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން، ފުޓުބޯޅައިގައި ޒަމާންތަކެއް ވަންދެން އޮތް ނާތަހުޒީބު ކަމެއް ކަމަށްވާ، ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލައިގައި ސްޓޭންޑެއް ނަގަން ޖެހިފައިވާ އޮތް ވަގުތު، ދެޓީމުންވެސް އެ ސްޓޭންޑް ނެގީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދެޓީމުގެ ހަރާކާތުން ފެނުނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވެބޯއާއެކު ތިބި މަންޒަރު ކަމަށްވެސް ކުރިން ކެމަރޫންގެ ގައުމީ ޓީމަށް ކުޅެފައިވާ ސޫފޯ ބުނެފައިވެއެވެ.
ވެބޯވެސް ނިސްބަތް ވަނީ ކެމަރޫނަށެވެ. އޭނާވެސް ވަނީ ކުރިން ގައުމީ ޓީމަށް ކުޅެފައެވެ.