ޚަބަރު

މަންދު ކޮލެޖުގެ "ދެންވާންވީ ކީއް؟" ހަރަކާތުގައި އެންސީއައިޓީގެ ތަޖުރިބާކާރުން ބައިވެރިވެއްޖެ

މަރިޔަމް ޝަހުދާ

މަންދު ކޮލެޖުގެ ފަރާތުން ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ކައުންސިލިންގް ހަރަކާތް، "ދެންވާންވީ ކީއް؟" ގައި ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ތަޖުރިބާކާރުން ބައިވެރިވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެންސީއައިޓީގެ ތަޖުރިބާކާރުން ބައިވެރިވެފައިވަނީ ޕެނަލިސްޓުންގެ ގޮތުގައެވެ. މި ހަރަކާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިނިސްޓަރ މަލީހް ވަނީ މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން މިނިސްޓަރ މަލީހްގެ ވާހަކައިގައި ވަނީ "ދެންވާންވީ ކީއް؟" ފަދަ ކެރިއާ ގައިޑެންސް ކައުންސިލިންގް ހަރަކާތްތަކުގެ މުހިއްމުކަން ފާހަގަކުރައްވައިފައެވެ. އެއާއެކު މިފަދަ ހަރަކާތްތަކަށް އެހެން އެޑިއުކޭޝަނަލް އިންސްޓިޓިއުޝަންތަކުން އެއްބާރުލުންދޭނަމަ ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ފަސޭހަވާނެ ކަމަށްވެސް މަލީހް ވިދާޅުވިއެވެ.