މަގުމަތީގެ އެކްސިޑެންޓް

މާލެއިން ހުޅުމާލެއަށް ދިޔަ ކާރަކާއި ސައިކަލެއް ޖެހި ދެމީހަކަށް އަނިޔާ ވެއްޖެ

މަރިޔަމް ޝަހުދާ

މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ މީދިޔާ އޮފިޝަލު ވަން އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ ސައިކަލެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭ ކާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ޒަހަމް ވެފައިވަނީ 20 އަހަރުގެ އަންހެނަކަށާއި 26 އަހަރުގެ ފިރިހެނަކަށެވެ. މި ދެމީހުންނަށްވެސް މިހާރު ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާލެ ހުޅުމާލެ ބްރިޖް ސަރަހައްދުގައި އެކްސިޑެންޓް އިތުރުވެފައިވާއިރު، ޓްރާންސްޕޯޓުން ވަނީ އެކްސިޑެންޓް މަދު ކުރުމުގެ ގޮތުން މާލެ ހުޅުމާލެ ބްރިޖު މަތީ ހެލްމެޓު އެޅުން މަޖުބޫރުކުރުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.