ކޮންމެ އަހަރަކުވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމު މިއަހަރު 10 ފަރާތަކުން ހޯދައިފިއެވެ.
ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް ގާސިމް އަބްދުލްކަރީމެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅިއެވެ. އެގޮތުން މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު 11 ދާއިރާއަކުން 10 ނޫސްވެރިއަކު ހާސިލުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ހޯދާފައިވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމެވެ.
މިރޭގެ ހަފުލާގައި އެމްއެމްސީގެ ފަރާތުން ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
މިރޭގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ނޫސްވެރިންނަށް ވީޑިއޯ މެސެޖެއް ދެއްވައިފައެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި ނޫސްވެރިކަމެއް ކަމަށާއި އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް ކަމަށެވެ. ކޮންމެ ނޫސްވެރިއެއްވެސް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައި ޒިންމާދާރުވުމަކީ އިވޭ ވާހަކަތަކުގެ ތެދު ދޮގު ކަށަވަރުކުރުމަށްފަހު އަދި އެއީ މުޖުތަމައަށް ކޮންމެހެން އެނގެން ޖެހޭ ނުވަތަ މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރުކުރުމަށް ފަހުގައި އާންމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.