ކޮވިޑާ ގުޅިގެން ވަގުތީ ގޮތުން ބަންދު ކުރި އުތީމު ގަނޑުވަރު އަލުން ހުޅުވައިލަން ނިންމައިފިއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން ވަގުތީ ގޮތުން އުތީމު ގަނޑުވަރު ބަންދުކުރުމަށްފަހު އަންނަ އާދިއްތަ ދުވަހު އަލުން ގަނޑުވަރުގެ ހިދުމަތް ފަށާގޮތަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ. އަދި ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރަށް ވަދެވޭނީ މި މަރުކަޒުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނަންނޯޓް ކޮށްގެން ކަމަށްވެސް އިއުލާންގައިވެއެވެ.
އާ އާންމު ހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް:
- ޓިކެޓް ވިއްކާނީ ހެނދުނު 8:15 އިން މެންދުރުފަހު 13:00 އަށް
- މިހާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރަން ބޭނުންވާ ދުވަހުގެ އެއް ދުވަސް ކުރިން މަރުކަޒަށް ގުޅައި އެޕޮއިންޓްމަންޓް ހައްދަންވާނެ
- ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓް، އިތުރު ފުރުސަތު ދޭނީ ވަގުތު އޮތްވަރަކަށް ބަލައި މަރުކަޒުން ނިންމާ ގޮތެއްގެ މަތިން
- އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނީ ދިވެހިންނަށް އެކަނި، ބިދޭސީންގެ ތެރެއިން މި ފުރުސަތު ލިބޭނީ ރާއްޖޭގައި ވަޒަންވެރިވެގެން ދިރިއުޅޭ ބިދޭސީންނަށާއި ވާކް ޕާމިޓް އޮތް ބިދޭސީންނަށް
- ފުރަ ބަންދުކޮށްފައިވާ އެއްވެސް ތާކުން އަންނަ މީހަކަށް ފުރުސަތެއް ނުލިބޭނެ
- އުތީމު ގަނޑުވަރާއި ހަނދާނީ މަރުކަޒަށް ވަދެވޭނީ މާސްކް އަޅައިގެން، އަދި ގަނޑުވަރާއި މަރުކަޒުގެ އެތެރޭގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ހުންނަން ވާނީ މާސްކް އަޅައިގެން، ހޭންޑް ސެނެޓެއިޒާ އިން އަތް ސާފުކުރަންވާނެ، އަބަދުވެސް ތިން ފޫޓުގެ ދުރުމިން އިހްތިޔާރުކުރަންވާނެ
- ޓިކެޓް ގަތް ނަމަވެސް ގަނޑުވަރަށް ވަދެވޭނީ ޓެމްޕަރޭޗާ ޗެކު ކުރުމަށްފަހު، އަދި މިފަދަ ހާލަތުގައި ގަނޑުވަރަށް ވަނުމުގެ ފުރުސަތު ނުލިބޭ ފަރާތުގެ ޓިކެޓް ރިފަންޑް ނުކުރެވޭނެ
- ގަނޑުވަރަށް ވަނުމުގެ ޓިކެޓް ނެގުމަށް މަރުކަޒުގެ އޮފީސްތެރެއަށް ވަދެވޭނީ ކޮންމެ ގްރޫޕަކުންވެސް އެކަކަށް، އެންމެ ގިނަވެގެން އޮފީސްތެރޭގައި އެއްވަގުތެއްގައި ތިބެވޭނީ ތިން މީހުންނަށް
- ޓިކެޓް ގަތުމަށް އޮފީސްތެރެއަށް ވެންނެވުމުގެ ކުރިން ޓިކެޓް ގަންނަން ބޭނުންވާ މީހުންގެ އަދަދާއި އުމުރުފުރާ ރަނގަޅަށް އޮޅުންފިލުވައި، ދައްކަވަންޖެހޭ ފައިސާ ހަމައަށް ހިއްޕަވައިގެން ވަޑައިގަތުމަށް ސަމާލުކަން ދޭންވާނެ
- ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުކަޒުގެ އޮފީސްތެރޭގައި ބެހެއްޓިފައިވާ އާސާރީ ކަބަޑުގައި ހުރި ތަކެތި ބެލެމުގެ ފުރުސަތެއް ނުލިބޭނެ
- ގަނޑުވަރު ބެލުމަށްފަހު ފޮޓޯ ނެގުމަށް ގަނޑުވަރުގެ ތެރޭގައި މަޑުކުރެވޭނީ ގިނަވެގެން ފަސް މިނެޓު
- ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރުގެ ވަޅުތަކުން ފެން ބޭނުންކުރުމުގެ ފުރުސަތެއް ނުލިބޭނެ
- ގަނޑުވަރު ތެރޭގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ބޭނުމުގައި ގަނޑުވަރާ ގުޅޭ މައުލޫމާތު ދެމުން ގެންދާނީ ވީހާވެސް ކުރުކޮށް
- ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންކުރާ އަންގި، މާސްކް ފަދަ ތަކެތި އެޅުމަށް ހާއްސަ ކުރެވިފައިވާ ޑަސްބިނަށް އެޅުމަށް ސަމާލުކަމެއް ދޭންވާނެ
- މިއުސޫލުތަކާ ހިލާފުވާ ފަރާތްތަކަށް ގަނޑުވަރަށް ވަނުމުގެ ފުރުސަތު ނުދީ ފޮނުވާލުމުގެ އިހުތިޔާރު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ލިބިގެންވޭ