ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ހަތް ކެޓަގަރީއަކުން "ދިރިއުޅުމުގެ ހާލަތު" އަށް ޕޮއިންޓް ދިނުމަށް ފްލެޓް ކޮމިޓީން އެކުލަވާލާފައިވާ މިންގަނޑު އާންމުކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އިންސާފުވެރި އަދި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެން ކަމަށް ފްލެޓް ކޮމިޓީން ނިންމައި، ޕްލޭނިން މިނިސްޓްރީގެ ފަންނީ ލަފަޔާއެކު، އެ ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް އެކުލަވާލި ކަމަށެވެ.
ނަމަވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތަކީ އެ މައުލޫމާތު ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ ކަމަކަށްވާތީ، އެ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދޭ މިންގަނޑު، އާންމުކުރުމަށް ނިންމާފައިވަނީ ވަގުތީ ލިސްޓު އިއުލާންކުރުމަށްފަހު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ހަތް ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކުރުމާ ގުޅިގެން، މިހާރު އެ ކެޓަގަރީތަކުން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު މިންގަނޑު ވަނީ އާންމުކޮށްފައެވެ.
ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވާ މިންގަނޑު އާންމުކޮށްފައި މިވަނީ އެކަމުގެ ޝަކުވާތައް އިތުރުވެގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
[ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު މިންގަނޑު] https://www.gazette.gov.mv/iulaan/view/138652