ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ، އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދާދި ދެންމެ ހުކުމްކޮށްފި އެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން 32 ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ދައުވާތަކެވެ. އެ ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.
ދައުލަތާއި ޒިޔަތާއެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ހުރިހާ ދައުވާއަކަށް ޒިޔަތު ވަނީ ކްރިމިނަލް ކޯޓުގައި މީގެ ކުރިން އެއްބަސްވެފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ހެނދުނުން ފެށިގެން ދަނީ ކޮންމެ ދައުވާއެއްގެ ހުކުމް ވަކިވަކިން އިއްވަމުންނެވެ. މިހާތަނަށް 12 ދައުވާއެއްގެ އަދަބެއްގެ ގޮތުން 11 އަހަރާއި 11 މަހަށްވުރެ ދިގު ޖަލު ހުކުމެއް ޒިޔަތުުގެ މައްޗަށް ވަނީ އިއްވައިފަ އެވެ. ދެން ބާކީ ހުރި ދައުވާތަކުގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
އެއީ ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އަދި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން، އަދަބުގެ މިންވަރު ދަށްވަމުން ގޮސް 12 ވަނަ ދައުވާގެ އަދަބެއްގެ ގޮތުން ޒިޔަތަށް އެއް ދުވަހުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.
އެއް ދުވަހުގެ ޖަލު ހުކުމަކަށް ވުރެ ކުޑަ އަދަބެއް ނޯންނާތީ ބާކީ އޮޮތް 20 ދައުވާގައި ޒިޔަތުގެ މައްޗަށް އެއްވެސް އަދަބެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.