އިބްރާހިމް ޒަކީ
ބެލެނިވެރިކަން ނެތް 21 ގަވާއިދަކަށް އަމަލު ކުރުން، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި އެގޮތަށް ފާސްކުރީ އެ ގަވާއިދުތަކަށް އަމަލު ކުރުން އިތުރު ކުރަން މަޖިލީހުގެ ގަވާއިދުތަކާބެހޭ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ވޯޓު ދީގެންނެވެ. އެ ރިޕޯޓު ފާސް ކޮށްފައިވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ގަވާއިދުތަކަށް އަމަލު ކުރުމަށް މަޖިލީހުން ފާސް ކުރުމުގެ އިތުރުން އެ ގަވާއިދުތަކަށް ބެލެނިވެރިކަން ދޭންޖެހޭ ގާނޫނުތައް އެ މުއްދަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ހެދުމަށްވެސް ވަނީ ފާސްކޮށްފައެވެ.
މި ރިޕޯޓު ފާސްވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބެލެނިވެރިކަމުގެ ގާނޫނެއް ނެތި ގަވާއިދެއް ނުހެދޭނެ ކަމަށް ގާނޫނުއަސާސީގެ 271 ވަނަ މާއްދާގައި ވަރަށް ސަރީހަ ބަހުން ބުނެފައިވާ ކަމަށެވެ.
"ދެހާސް އަށް ވަނަ އަހަރުގައި އާ ގާނޫނުއަސާސީ ލިބުމާ ގުޅިގެން މިދެންނެވި ގޮތަށް ބެލެނިވެރިކަމެއް ނެތި ގަވާއިދުތައް ބައިވަރު ހުރި، އަމާޒަކަށްވީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި އަހަރު އެ ގަވާއިދުތައް ނިންމުން މީ 2018 ވަނަ އަހަރު ނިމި 2020 ވަނަ އަހަރަށް މި ދިޔައީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގަވާއިދު ކޮމިޓީގެ މުގައްރިރު ތަފާތު އެކި ދައުރު ތަކުގައި އެ ގަވާއިދުތަކުގެ މުއްދަތު އިތުރު ކުރަން ހުށަހަޅާތާ 12 އަހަރު ވެގެންދިޔައީ ކަމަށެވެ. އަދި މިފަހަރު އެ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފައި މިވަނީ 13 ވަނަ ފަހަރަށް ކަމަށްވެސް ވިދާޅުވިއެވެ.