ޝަހީދާ އަބްދުﷲ ސައީދު
އިންޑިއާގެ މާކެޓުތަކަށް އައްޑޫ ޕްރޮމޯޓް ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިންޑިއާއަށް ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ކައުންސިލުން ބައިވެރިކުރުމަށް ނިންމަވައިފިއެވެ.
އައްޑު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ބުރާސްފަތި ދުވަހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި އެސިޓީގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާކުރެއްވި ކަމަށެވެ.
އެގޮތުން މިނިސްޓަރު އަލީ ވަހީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިކުރައްވާނެ ކަމަށް މިނިސްޓަރާ ހަވާލާދީ އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެރައިވަލްއިން ފަތުރުވެރިންނަށް ލިބެން ހުންނަ ހިދުމަތްތައް އިތުރަށް ތަރައްގީކުރަންް ޖެހޭކަން ފާހަގަކުރައްވައި އެކަމަށް ސަރުކާރުގެ ތެރެއިން ބާރު އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ހަންކެޑަ ތަރައްގީކުރުން މިހާރު ހުއްޓިފައި އޮތް ނަމަވެސް، އެމަސައްކަތް މިމަސް ނިމުމުގެ ކުރިން ކޮޅެއްގައި ޖައްސަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ކައުންސިލަށް ދެއްވި ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ގެސްޓްހައުސްތަކާއި ރިސޯޓްތައް ކައުންސިލް މެދުވެރިވެގެން ޗެކު ކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އައްޑޫ ސިޓީއަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި އައްޑޫގެ ރިސޯޓްތަކުގެ ބައުންޑަރީސްގެ މަސައްކަތްވެސް ކުރިއަށް އޮތް ހަފުތާގައި ހައްލުކޮށްދެއްވުމާއިި އައްޑުއަށް އަންނަ ބައެއް ސަފާރީ ތަކުންނާއި ޔޮޓްތަކުން އަމަލުކުރާގޮތުން ޑައިވިންގ ސައިޓް ތަކަށާއި އައްޑޫގެ ތިމާވެށްޓަށް ގެއްލުންވާ މައްސަލައިގައި އައްޑުއަށް އަންނަ އެފަދަ އުޅަނދުތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ކައުންސިލާ ހިއްސާ ކުރައްވާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.