ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ލ. ކައްދޫ އަދި އެއަތޮޅު ގަމަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހު ކައްދޫއަށް ވަޑައިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ މަރުކަޒުގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ތަމްރީނުތަކެއްގެ ޑެމޯ ބައްލަވައިލައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް ސޯލިހު ގަމަށް ވަޑައިގަތުމަށް ނިންމާފައިވަނީ ކައްދޫއަށް ވަޑައިގަތުމަށްފަހު ކަަމަށާއި، ގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ސޯލިހު ގަމުގެ މަރުކަޒީ އިންޖީނުގެ، އެއް ވިއުގަަކުން ގުޅާލުން އިފްތިތާހު ކޮށްދެއްވުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ގަމުގައި ތަރައްގީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު ވެސް ރައީސް ސޯލިހު އިފްތިތާހު ކޮށްދެއްވުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހަމަ އެއާއެކު، ގަމު ހޮސްޕިޓަލުގައި އަލަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ރައީސް ސޯލިހު ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ ކައްދޫ އަދި ގަމަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.