މޫސުމް

ތޫފާން "ބުރެވި" މިރޭ ލަންކާއަށް އަރާނެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ 45 މޭލަށް ވައިޖެހޭނެ

މުހައްމަދު އައުޒަމް

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސް ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ފޯކާސްޓަރ ވިދާޅުވީ ސްރީލަންކާގެ ޓްރިންކޮމަލީގެ ސަރަހައްދުގައި އުފެދިފައިވާ ތޫފާން "ބުރެވި"ގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

މެޓުން ބުނީ އާންމު ވައި ހުންނާނެ ކަމަށް ބެލެވެނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެއެވެ.

ތޫފާން "ބުރެވި" ލަންކާ އަށް އަރާނެކަމަށް ލަފާކޮށްފައި ވަނީ މިރޭ އިރުއޮއްސޭ ފަހުންނެވެ. އެގައުމުންވެސް ވަނީ ތޫފާނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިފައެވެ.

ތޫފާނުގެ އަސަރު ރާއްޖެއަށް ކޮށް ކަނޑުގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ސަރަހައްދެއްގައި ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބެލުމަށް މެޓުން އިލްތިމާސް ކުރެއެވެ.

ތޫފާން ބުރެވިގެ އަސަރުކޮށް، އަންނަ އާދީއްތަ ދުވަހާއި ހަމަޔަށް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި މޫސުން ރީތިވާން ފަށާނީ ހޯމައިން ފެށިގެން ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.