ސިނަމާލެ ބްރިޖާ ގުޅުވާލައިގެން މާލޭގެ ދެކުނު ފަރާތު ބޮޑު ތަކުރުފާނު މަގުގައި ހެދި ރިންގު ރޯޑް ހުޅުވާލައިފި އެވެ. މި ރޯޑް ހުޅުވައިލީ ރޭ 8:30 އެހާ އިރު އެވެ.
ރިންގު ރޯޑު ސިނަމާލެ ބްރިޖާ ގުޅުވާލައިފައިވާ އިރު، މި މަގު ހަދާފައި ވަނީ މާލޭގެ ދެކުނު ފަރާތު އިންޑަސްޓްރިއަލް ވިލެޖާ ހިސާބުން ފެށިގެން ގޮސް މާލޭގެ އުތުރު ފަރާތުގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުގެ ކުރިމައްޗާ ހަމައަށެވެ.
ރިންގު ރޯޑުގެ ގޮތުގައި ނަން ދީފައި މިވާ ބަޔަކީ ކުރީން ބޮޑު ތަކުރުފާނު މަގުގެ ބައެކެވެ. ކުރީން ގާ އަތުރައިގެން ހަދާފައި އޮތް މަގު އަލުން ހަދާފައި ވަނީ ތާރު އަޅައިގެންނެވެ.
ރިންގު ރޯޑު ހެދުމުގެ ކުރީން އެ މަގު ބޮޑު ތަކުރުފާނު މަގުގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކު ކުރުމަށް އެމަގު ބޭނުންކުރި އެވެ. އެހެން ނަމަވެސް ކަޅުތުއްކަލާ ކޮށްޓާ ހިސާބުން ފެށިގެން ގޮސް ހުޅުމާލޭ ފެރީ ޓާމިލާ ދެމެދު ރިންގު ރޯޑުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކު ކުރުން ޓްރާންސްޕޯޓު އޮތޯރިޓީން މިހާރު ވަނީ މަނާކޮށްފަ އެވެ.
ތޮއްޖެހުން ކުޑަ ކުރުމަށާއި ބްރިޖަށް ދަތުރުކުރާ މަގު ކަމުން، ރިންގު ރޯޑު ހަދާފައި ވަނީ ހަތަރު ލޭނު ހިމެނޭ ގޮތަށެވެ. މަގުގެ ފުޅާ މިނުގައި 12 މީޓަރު ހުރެ އެވެ. އެއީ ގާތްގަނޑަކަށް 40 ފޫޓެވެ.