ޚަބަރު

ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކައިލުން ހުއްޓުވުމުގެ އަމުރަކަށް އެދިއްޖެ

އަލީ ޔާމިން

ޅ. މަދިރިގުރައިދޫގައި ހިންގާ ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކައިލުން ހުއްޓުވުމަށް ކޯޓު އަމުރަކަށް އެ ރިސޯޓުގެ ފަރާތުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

އެ ރިސޯޓުން ކޯޓު އަމުރަކަށް އެދިފައި މިވަނީ، އެ ރިސޯޓު ވިއްކައިލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން މިމަހުގެ 16ގައި އިއުލާނު ކޮށްފައިވާތީ އެވެ.

ޕާމް ބީޗް ވިއްކާލަން އެސްބީއައި އިން އިއުލާން ކުރީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނު ކޮށްގެން ނެގި 18،000،000 ޑޮލަރު (227،560،000 ރުފިޔާ)ގެ ލޯނަކަށް ފައިިސާ ނުދެއްކުމުން، އެ ރިސޯޓު ވިއްކައިލުމުގެ ހުއްދަ 22 ޖުލައި 2018 ގައި ސިވިލް ކޯޓުން އެސްބީއައިއަށް ދީފައިވާތީއެވެ.

ޕާމް ބީޗްގެ ލޯޔަރުންގެ ޓީމުގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން އެ ރިސޯޓު ވިއްކާލައިފިނަމަ އެ ރިސޯޓަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބޭތީ، އެ ރިސޯޓު ނީލަން ކިޔުން ހުއްޓުވުމުގެ އަމުރަކަށް ރިސޯޓުގެ ވެރިފަރާތުން ސިވިލް ކޯޓުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ޕާމް ބީޗް ރިސޯޓު ވިއްކައިލުމަށް އެސްބީއައިއިން އިއުލާނުކުރި އެވެ. އެންމެ ފަހުން ކޮށްފައިވާ އިއުލާނުގައި ބުނީ، ނީލަމުގެ އުސޫލުން އެ ރިސޯޓު ގަންނަން ބޭނުންވާ ފަރާތްތަކުން މިއަދުގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.