މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމަށް ބާއްވަން ޖެހޭ ފުރަތަމަ އާންމު ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
އެ ޕާޓީގެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00ގައި ދަރުބާރުގޭގައެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި ޕާޓީގެ ހިންގާ ގަވާއިދުގެ އިތުރުން އެޕާޓީގެ ލޯގޯއާއި ވަގުތީ ހިންގާ ކޮމިޓީ ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ގާނޫނީ ވަކީލު އަބްދުﷲ ހަސީނަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.
އަދި އެޕާޓީން 3000 ފޯމު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.
އެ ޕާޓީގެ އާންމު ޖަލްސާ ބޭއްވުމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 19ގައެވެ.