ޚަބަރު

ރާއްޖެއިން ބޭރުގެ އަށް ސަރަހައްދެއްގައި ވޯޓުފޮށި ބަހައްޓަނީ

އަހުމަދު ޖައިޝަން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގެ އަށް ސަރަހައްދެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އަށް ސަރަހައްދެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި އެތަނުގައި ވޯޓުފޮށި ބަހައްޓާނީ ވޯޓުލުމަށް 150 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީކުރުމުން ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ތަންތަނަކީ ޓްރިވެންޑްރަމާއި ނިއުދިއްލީ އާއި މެލޭޝިއާ އާއި ސްރީލަންކާ އާއި ލަންޑަން އަދި ސިންގަޕޫރެވެ. އޭގެ އިތުރުން ތައިލެންޑުގެ ވެރިރަށް ބެންކޮކާއި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުގައެވެ.