ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫއަށް ސަލްމާން ރަސްގެފާނާއި ޕާކިސްތާން ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެ

ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާ ބިން އަބްދުލްއަޒީޒާގެ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަރުހަބާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި އިބޫ ހޯއްދެވި ކާމިޔާބީއާ ގުޅިގެން އިބޫއަށް ގުޅުއްވައި ރަސްގެފާނު ސަލްމާން މަރުހަބާ ދެންނެވި ކަމަށާއި އެ ފޯން ކޯލްގައި ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ރަސްގެފާނު ސަލްމާން ވާހަކަ ދެއްކެވި ކަމަށް ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަރުހަބާ ވިދާޅުވި ކަމަށް އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ އިމްރާން ޚާން ގުޅުއްވައި، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވީހާވެސް ރަނގަޅަށް ގެންދަން އެދިވަޑައިގެންނެވި ކަމަށާއި ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއި އަމާންކަމާއެކު ކުރިއަށްގެންދަވަން އެދިވަޑައިގެންނެވި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.