އަލީ ޔާމިން
ނީޖާގެ ވެރިރަށް ނިއާމޭގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލުގެ 47 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން، ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފިއެވެ.
ނިއާމޭއަށް ވަޑައިގަތުމުގެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ސައޫދީ އަރަބިއްޔާގައި މަޑުކުރައްވައިފައެވެ. އަދި ވެރިރަށް ރިޔާޒްގައި މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވިއެވެ.
މިނިސްޓަރު ޝާހިދު ނީޖަގެ ނިއާމޭއަށް ވަޑައިގަތީ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ އަރިހުގައެވެ. ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ ތުރުކީވިލާތުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ޓާކިޝް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާތީ، އެކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ސަމިޓުގެ ހަވާސާގައި ސެނެގާލްގެ އާ ހާރިޖީ ވަޒީރު އައިސަތާ ޓޯލް ސޯލްއާ ބައްދަލުކުރައްވައި، އެކަމަނާއަށް މަރުހަބާ ވިދާޅުވިއެވެ. އަދި މޮރިޓޭނިއާގެ ހާރިޖީ ވަޒީރު އިސްމާއިލް އައުލްދް ޝައިހް އަހުމަދާ ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ. ސަމިޓުގެ ތެރެއިން ބޭއްވި މި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި މޮރިޓޭނިއާ ދުރުގައި އޮތްނަމަވެސް ދެގައުމަކީ ގިނަ ދާއިރާތަކަކުން އެކުގައި މަސައްކަތްކުރާ ގާތް ދެގައުމު ކަމަށެވެ.
ދަ ގެމްބިއާގެ ހާރިޖީ ވަޒީރު މަމަދޯ ޓަންގަރާއާ ވެސް މިނިސްޓަރު މިއަދުގެ ސަމިޓުގައި ބައްދަލުކުރެއްވިއެވެ. މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގަމުގައި ހިންގަމުންދާ ޖަރީމާތަކަށް އިންސާފު ހޯދުމަށް ރާއްޖެއާއި ދަ ގެމްބިއާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ދެގައުމުގެ ވަކީލުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވައިފައެވެ.