ޚަބަރު

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް އަދި ވަޒީރުންގެ މާލީ ބަޔާން އާންމުކުރައްވައިފި

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ވަޒީރުންގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްގެ އިތުރުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ވުޒާރާތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެއެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެއެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މި މުހިންމު މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެއެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުމުގައި އެ އިދާރާތަކުގެ ލަފާ ސަރުކާރުން ހޯއްދަވައެވެ.