މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ކުއްލި ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސަރުކާރުން ގާނޫނާއި ގަވައިދުތަކާ ހިލާފަށް ހައްޔަރުކޮށް ގެންދިއުން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް ގަރާރެއް ފާސްކޮށްފިއެވެ.
މިރޭ އެމްޓީޑީގެ ކައުންސިލުން ކުއްލި ބައްދަލުވުން ބާއްވާފައިވަނީ އައިޖީއެމްއެޗްގައެވެ. ކައުންސިލުގެ އިއްތިފާގުން މި ގަރާރު ފާސްކޮށްފައިވާ އިރު، އެމްޓީޑީން ބުނަމުން އަންނަނީ ސަރުކާރުން ވަނީ އަދީބު "ކިޑްނެޕް" ކޮށްފައި ކަމަށެވެ.
އެމްޓީޑީގެ މުއައްސިސް އިސްމާއިލް އާސިފް ވިދާޅުވިގޮތުގަައި އަދީބު އަލުން ޖަލަށް ގެންދަވަން އުޅުއްވިއިރު އަދީބު ބްލަޑް ޕްރެޝާރ ހައި ވުމުގެ އިތުރުން ހުރީ ހުން އައިސްފައެވެ. އަދީބުގެ ބަލި ހާލަތު މިހެން ހުރިއިރުވެސް އައިޖީއެމްއެޗްއިން އަދީބު ޑިސްޗާޖުކުރުމަށް އުޅުން ކަމަށާއި، ޑިސްޗާޖު ކުރުމަށް އައި އިރު ހުރީ ހުރިހާ ލިޔެކިއުންތައް ތައްޔާރުކޮށްފައި ކަމަށްވެސް އާސިފް ވިދާޅުވިއެވެ. މީގެ އިތުރުން މިކަން ކޮށްފައިވަނީ އަދީބުގެ ޑޮކްޓަރުންނަށް މަޖުބޫރުކުރުވައިގެން ލިޔުން ތައްޔާރުކޮށްގެން އަދި ކަރެކްޝަންގެ އިސް ބޭފުޅުންނަށް ވާނުވާ ނޭނގި ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
މި ކުއްލި ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން އާސިފް ވަނީ ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ. އެމްޓީޑީން ވަނީ މިރޭ އަދީބު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މިނިސްޓަރ އިމްރާންގެ އިސްތިއުފާއަށް ގޮވާލައި އިހުތިޖާޖުކޮށްފައެވެ.
ގޭބަންދުގައި ހުންނަވަނިކޮށް މީގެ ހަފްތާއެއް ކުރިން އަދީބު އަނބުރާ ޖަލަށް ބަދަލު ކުރި މައްސަލަ ބެލުމަށްފަހު އެޗްއާރުސީއެމް އިން ވަނީ އަންގާރަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދީބު ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާ ހިލާފަށް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނެފައިވަނީ އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.