ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގޭންގުތަކާއި ކޯޓުތަކާ ގުޅުން އޮތްތޯ ބެލުމަށް ހުޅުވާލެވިފައިވާ ތަހުގީގެއް ހިންގުމަށް ނިންމި ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސުއޫދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރެވޭނީ އެފަދަ ފިޔަވަޅު އަޅައިގެން ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަހުގީގަށް ސުއޫދުގެ އެހީތެރިކަން ލިބޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ސުއޫދު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ގޭންގުތަކުގެ ދައުރު އޮންނަ ކަމަށާއި، ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާ ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވެފައި ވުމުން ޖޭއެސްސީ އިން ވަނީ މިކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފައެވެ. މި އެކުލަވާލި ކޮމިޓީގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.