އަލީ ޔާމިން
ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގައި ހަތް ދައުވާއެއް ކުރަން ދާދިފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ. އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު އޭނާ ވަނީ ވަޒީރުކަމުގެ މަގާމުން ވަކިކޮށްފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑު ދައުވާތަކެއް ކުރާތީ އެކަމާ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ގދ. ތިނަދޫގައި ޖިންސީ ގޯނާކޮށް، އަންހެނަކު މަރާލި މީހެއްގެ މައްޗަށް ކުރީ ދެ ދައުވާ. އެހެން ކިތަންމެ މީހަކަށް އެއްވެސް ދައުވާއެއް ނުކޮށް އެބަ ދޫކޮށްލާ،" ރައީސް ނަޝީދުގެ މެސެޖުގައި ވެއެވެ.
މީގެ އިތުރަށް ނަޝީދުގެ މެސެޖުގައި ވަނީ އަލީ ވަހީދުގެ ބަޔާންތައް އެމަނިކުފާނު ބެއްލެވި ކަމަށާއި އެކަމާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވެސް ނަޝީދުގެ މެސެޖުގައިވެއެވެ.
އަލީ ވަހީދުގެ އެ މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފައެވެ. އޭގެ އިތުރުން އަލީގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
އެ މައްސަލައިގައި މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލީ ވަހީދު ވަނީ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެ މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.