މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.
މިއަދުގެ ވަގުތެއްގައި އާނިޔާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގިކަން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް ކަށަވަރުކޮށްދިން ނަމަވެސް، އެކަމުގެ ތަފްސީލު ދެއްވާފައެއް ނުވެއެވެ.
އާނިޔާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ އިރު، އިމާރާތް ކުރަމުން އަންނަ ކިންގް ސަލްމާން މިސްކިތުގެ ބިނާ ހުތުރު ކަމަށާއި އެ މިސްކިތުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަންޒަރުތައް ފެނުމަށް ހުރަސްއެޅޭ ކަމަށް ބުނެ، އާނިޔާ ވަނީ ޓުވީޓެއް ކޮށްފައެވެ.
އާނިޔާގެ އެ ޓުވީޓަށް ފަހު ކިންގް ސަލްމާން މިސްކިތާ ގުޅޭގޮތުން އައްޝެއިޚް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މިސްކިތް ވަރަށް ރީތި ކަމަށެވެ. އަދި މިސްކިތުގެ ބިނާ ހަޑި ކަމަށާއި އެ މިސްކިތުގެ ސަބަބުން އެއާޕޯޓުގެ މަންޒަރުތައް ފެނުމަށް ހުރަސްއެޅޭ ކަމަށް ބައެއް ލާދީނީ މީހުން ބުނަމުންދިޔަ ނަމަވެސް އެކަމާ އަޅާނުލުމަށް ވެސް ޒައިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ އެ ހަޑިވެގެން އުޅެނީ ކޮން އެއްޗެއްކަން ވަރަށް ރަނގަޅަށް. އިސްލާމުންގެ ކައިރީ އެންމެ ލޮބުވެތި ތަނަކީ މިސްކިތްތައް. މިއީ ޔަގީން ކަމެއް،" އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން ވެސް އެކަމާ ގުޅޭގޮތުން ޓުވިޓާގައި ގިނަ ވާހަކަތަކެއް ދެކެވެމުންދިޔަ އިރު، ފޭސްބުކް އަދި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުންނަށް އިންޒާރުދޭ މައްސަލަތައް ބަލަން ފަށާފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ނަފުރަތު އުފައްދާގޮތަށް ވާހަކަ ދެއްކުމާއި އިންޒާރުދިނުން ފަދަ ކަންކަން ގިނަވެފައިވާކަން ފާހަގަވެފައިވާ ކަމަށާއި އެފަދަ ކަންކަން އިތުރަށް ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.