ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ފޯމް ފުރި މީހުން އެކަން ކޮށްފައިވަނީ ހިތުން ރުހުމުން ޕީއެންސީއާ ގުޅެން ބޭނުންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދަޅުވެފައިވަނީ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީން ހުށަހަަޅާފައިވާ ފޯމުތަކުގެ ތެރޭގައި މީހުންގެ ހުއްދައާ ނުލައި ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވުމުންނެވެ.
މިރޭ އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ނުރުހުމުގައި ޕީއެންސީއަށް ސޮއިކުރުވާފައި ނުވާނެ ކަމަށެވެ. އަދި މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމް ފުރާފައި ނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މިއަދު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ނޫން ފޯމްތަކެއް ކަމަށް ބުނެ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.