ޚަބަރު

އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް އެކުލަވާލި ކޮމިޓީގެ ނިންމުންތައް އާންމުކޮށްފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ ތަމްސީލު ކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް އެކުލަވާލި ކޮމިޓީގެ ނިންމުންތައް އާންމުކޮށްފި އެވެ.

އެގޮތުން މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ޖުމްލަ 15 މައްސަލައެއްގެ ތަފްސީލު މިއަދު އެމްޑީޕީ އިން ވަނީ އާންމުކޮށްފައެވެ.

އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް އެކުލަވާލި ކޮމިޓީއަށް އާންމު ގޮތެއްގައި ހުށަހަޅާފައިވަނީ ޕާޓީގައި ރަޖިސްޓްރީ ކޮށްފައިނުވާ މީހުންގެ ނަން ލިސްޓުގައި ހިމެނިފައިވުމުގެ އިތުރުން އެކި ދާއިރާތަކުގެ ދަފްތަރު ނަންބަރުތަކުގައި މައްސަލަ ހުރުމުންނެވެ. މި ހުރިހާ މައްސަލަތައް ހުށަހެޅި މީހުންނާއި މައްސަލަ ނިމުނުގޮތް އެމްޑީޕީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ.