ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަނީ އެ ފަރާތްތަކުގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނާނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޚަލީލް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ޕީޕީއެމް ވައިގެ ތެރެއަށް ދޫކޮށްލައި އެހެން ޕާޓީއެއް ނުހެދޭނެ ކަމަށާއި ޕީއެންސީން ހުށަހެޅި ފޯމުތަކުގައި މައްސަލަތަކެއް ހުރުމުން އެކަން ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.
ޚަލީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕީއެންސީއަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ޕާޓީއެއް ކަމަށާއި ރާއްޖޭގެ ކަންކޮޅުތަކުގައި ޕީއެންސީގެ ވިސްނުން ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ.
"ޕީއެންސީއަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ޕާޓީއެއް. މި ޕާޓީ އުފެއްދުމާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަނީ އެ ފަރާތްތަކުގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނާތީ. ރާއްޖޭގެ ކަންކޮޅުތަކުގައި ޕީއެންސީގެ ވިސްނުން ހަލުވިކަމާއެކު ދަނީ ފެތުރެމުން،" ޚަލީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޕީއެންސީ އުފެއްދުމަށްޓަކައި އިއްޔެ ވަނީ 4000 ފޯމު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެވެ.