އަލީ ޔާމިން
މިމަހުގެ މިހާތަނަށް ރާއްޖެއަށް 18،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާ ހަމައަށް ރާއްޖެއަށް އައީ 382،760 ފަތުރުވެރިންނެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 59،105 ފަތުރުވެރިން އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުގައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް 21،515 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލަކަށް 694 ފަތުރުވެރިންނެވެ.
ތަފާސް ހިިސާބުތަކުގައިވާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 18،723 ފަތުރުވެރިން އައިސްފައިވެއެވެ. މިމަހުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 1040 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިމަހުގެ މިހާތަނަށް އައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އުޅެނީ 7.5 އިންސައްތައިގައެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް 12،961 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއިން އައީ 5،449 ފަތުރުވެރިިންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 4،745 ފަތުރުވެރިންނެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 16 އެއާލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާއި އިިތިހާދު އެއާވޭސް ފަދަ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު ނުވަ އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމެވެ. ފިނި މޫސުމާ ދިިމާކޮށް، ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި ރާއްޖޭގެ ގެސްޓްހައުސްތައް ވެސް މިހާރު ހުޅުވާލާފައިވުމުން، މިނިސްޓްރީގެ އަމާޒަށް މިއަހަރުގެ ތެރޭގައި ވާސިލުވެވޭނެ ކަމުގެ އުންމީދު ބޮޑެވެ. އެއީ ކޮންމެ އަހަރެއްގެވެސް މި ދުވަސްކޮޅަކީ ފަތުރުވެރިކަމުގެ އޮކިއުޕެންސީ އެންމެ ރަނގަޅު ދުވަސްވަރަށް ވުމުންނެވެ.