ޚަބަރު

ގައުމީ އިނާމާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއަށް ބޭފުޅުން އައްޔަން ކުރައްވައިފި

މަރިޔަމް ޝަހުދާ

ގައުމީ އިނާމާއި ބެހޭ ކޮމިޓީ އަށާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައީސް ސޯލިހު މި ދެކޮމިޓީއަށް ބޭފުޅުން އައްޔަން ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިގޮތުން ގައުމީ އިނާމާއި ބެހޭ ކޮމިޓީ އަލަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ، މ.މަހްމާވިލާ، އިބްރާހީމް އިސްމާއީލް އަލީ އާއި ޅ.ކުރެންދޫ، ނޫރަންގެ، ޒުލްފާ އިބްރާހީމް، އަދި ހ.އިރުވައި، އާއިޝަތު ނާޒް އެވެ.

އެ ބޭފުޅުންގެ އިތުރުން ކޮމިޓީގައި ތިއްބަވަނީ، ކޮމިޓީގެ ޗެއާ މ.ލޮނުވެލި، އަނީސާ އަހުމަދާއި، ރައީސް އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސާވިސް ހުސްއިން އާމިރު އާއި މއ.ފިޔަވަނި، އަހުމަދު އަލިމަނިކު އާއި މ.ކާނިމާގެ، މުހައްމަދު އިކްރާމް އާއި މ.މާހިޔާ، ރަހީމާ އާދަމް، އަދި ވިލިމާލެ، ކަންދު، ހަސަން މަނިކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމާއި ބެހޭ ކޮމިޓީގެ ޗެއާމަނަކަށް ރައީސް ސޯލިހު ވަނީ މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަން ހަމަޖައްސަވާފައެވެ.

މި ކޮމިޓީއަށް ވެސް ރައީސް ސޯލިހުވަނީ އަލަށް 3 ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެއީ މއ.މާނިކަ، ޑރ.އަހުމަދު އަލިމަނިކާއި، މ.ތާނގީދޮށުގެ، މަރްޔަމް ނޫރައްދީން، އަދި މ.ހިޔަލީ ގުލްޝަން، މަރްޔަމް ޝިފްޒާން އެވެ. މި ބޭފުޅުންގެ އިތުރަށް މި ކޮނިޓީގައި ހިމެނެނީ؛ މ.ދާޝިން، ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ވިލިމާލެ، އަކީލާ، ޑރ.އަބްދުލްއަޒީޒް ޔޫސުފް އަދި މއ.ވިލާރޮދި، އާއިޝަތު ޝާހީން އެވެ.

ގައުމީ އިނާމުގެ ގޮތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއީ ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެމުން އަންނައިރު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، އިލްމީގޮތުން ހޯދާ މަތީ ކާމިޔާބީތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ މަގްސަދުގައި ދެއްވާ އިނާމެކެވެ.